ދަރަޖައިން ނުލިބި ނަސީބެއް ނިމުނީ “ރަންގުޑިއެއް”

 ރޯޅިއާ ތޯޅުވިގެން ބޮލުރޮދި ކެނޑިގެން ދިޔަ ގުޑިއެއް

   ރޯޅިއާ ހޫރިދަނީ ފަހަރަކު އަޅަމުން ބޮނޑިއެއް

އިރުގެ އަލި ދޯދި އެހިނދު ކަޅި އަޅަމުން ހުރެގެންދޭ

   ބިރު ލަދާ މިސްރާބެއް ނެތި ފެނިގެން ދާ ގުޑިއެއް

ދޯދި ބިލިޔަން އަހަރުން އެނގުނު ހަގީގަތުގެ އަލިން

   ހޯދި ކަންކަމުގެ އެހީގައި ބުނެލީ ހެޔޮ ދެބަހެއް

ޖައްވަކީ ތަރުތީބުވެ އޮންނަ ނިޒާމުގެ ބައެކޭ

   ޖައްވުގާ ތިޔަހެން ދާނަމަ ލިބިދާނޭ ލޮޓިއެއް

ރުޅިއަރައިގެން ގުޑި ރާރާގެ އެކޮށްލީ ނަޣަރާ

    “މުޅި ފަޒާއިން އަހަރެން ނުދެކޭ ނަމަ ތީ މޮޔައެއް”

މިއަޑު އިވި ނަފުރަތުގައި އިރު ގެނބިލީ ފެނުގެ ތެރަށް

   މިއަދު ނިންމާލިކަމަށް ބުނެ އަދި އައުމަށް ކޮށް ވައުދެއް

******

ހަނދު އަރައި އަލިކޮށްލީ ރޭގެ ފަޒާއާ ގުޑިއަށް

    ހަނދުގެ ރަންއަލި އެޅިގެން ފެންނަ ހުށީ ރަންގުޑިއެއް

ހިތްހިތާ ބުނެލި ނުބައި ދޯދި އެއީ އިޔަހޫއްޖެއް

   ހިތްނުބައިކޮށް އުޅުނީ ދޭންތާއޭ ހަމަ ބޮނޑިއެއް

ހަނދުގެ ސަޠަޙައިގެ މަތީ އޫދު ކުޅެން އޭރު އިނީ

   ހަނދުވަރުން ޅެން އަމުނާ އިލްމުގެވެރި ޅެންވެރިއެއް

ޝާޢިރޭ މަޝްރިޤް ސަރ ޢައްލާމާ މޮޅު އިޤްބާލް

   ޝާޢިރިއްޔަތުގެ މިއީ ފިކުރުގެ ބޮޑު ދަރުބާރެއް

އުސްމަގާމުން ލިބުނޭ ޖައްވުގެ މެހެމާނާއަށް

   “ހުސްނުބާނޫގެ ބަގީޗާ”ގެ ރިވެތި މާބޮނޑިއެއް

ހައިބަތުގެ އަނގޮޓިފުޅެއް ލިބުނު ޝަކީބުގެ މިލްކުން

   ނައިބު ތުއްތުގެ ފަތަކާ ފަތުގެ ދަވާދުގެ ފުޅިއެއް

ހުޅުވި ފަތުގައި ގުޑިއަށް ދައުވަތު އޮތް ހުޅުވައިފައި

   ކުޅިސަމާ ދެކިލުމުގައި ހޭދަކުރަން ބައިގަޑިއެއް

******

ވައިފަށަލަ ފޫއަޅުވައި ހަނދުގެ މަގާމަށް އުދުހެން

   ވައިގެ ބާރުން ކިހިނެއް ދަތުރުކުރާނީ ގުޑިއެއް

އެބުނި ބަސް ދޯދި އިރުގެ ވެއްޖެ ހަނދާން ކުއްލިއަކަށް

   ލިބުނު އިއްޒަތުގެ އުފާ ކަތިލި އެއީ ވިހަ ކަނޑިއެއް

ފެތުރިލީ އޮއިކަޅު ކޮޅަކުން ބުރުވީ ފެންތިއްކެއް

   އުތުރު ވައި ރޯޅިއަކާ އެކު ޖެއްސޭ ކުޑަ ލަތްކެއް

ޝަރަފު އިއްޒަތް މަތިވެރި ރީތިނަމާ ރަންކުލައާ

   ދަރަޖައިން ނުލިބި ނަސީބެއް ނިމުނީ “ރަންގުޑިއެއް”

 

 

35% feel ސަޅި.
3 :thumbsup: ވަރަށް ސަޅި
5 :heart: ސަޅި
0 :joy: އުފާވި
1 :heart_eyes: ހިންހަމަޖެހޭ
0 :blush: ރީތި
1 :cry: ރޮވުނު
4 :rage: ރުޅިއައި
The following two tabs change content below.

މުޙައްމަދު ޢާމިރު ފަރެސް

ކޮމެންޓެއް ހުށައަޅުއްވާ

avatar
wpDiscuz