ސަހަރާ 12

” ލޮލަށް ފެންނަކަންތައް އެއީ ތެދަކަށް ވެދާނެ .. ކަންތައް ކުރަނީ އަހަރެން … އެކަމަކު … ނަން ވަނީ ކަލޭ. ” އާސިމުގެ މޫނަށް ބަލާލަމުން ހިނިތުންވެލާފައި އަސްނާދު ބުނެލިއެވެ.

” ކަލެޔަކީ މީހުން މަރާ މީހެއް … ” އެއްވެސް އިޙްތިޔާރަކާއި ނުލައި އާސިމަށް ބުނެވުނެވެ.

” އަނގަ މަޑުކުރޭ … ” އަސްނާދު އައިގޮތަށް އައިސް އާސިމުގެ މޫނުމަތީގައި ކަހަލަ ގޮތަކަށް ޖެހިއެވެ. އަސްނާދަށް އޭނާގެ ރުޅި ކޮންޓުރޯލު  ނުކުރެވޭ ކަހަލައެވެ.

” އަހަރެންނަކީ މީހުން މަރާ މީހެއްނޫން … އެކަމަކު ރީތިއެއްޗެތީގެ ވެރިއެއް … ވިސްނިއްޖެތަ ؟ …. ކުރިއަކުން ވެސް ކަލެއަކަށް ނުވިސްނުނު. ކަލެޔާއި ނީމާ ތަންތަނުގައި އުފާކޮށް މަޖާކުރަމުން ދިޔައިރު އަހަރެން މަޑުން ހުރީ ކީއްވެ ކަމެއް ވެސް ކަލެއަކަށް ނުވިސްނުނު. އަހަރެން ބޭނުންވީ ކަލެޔާއި ނީމާ ވީހާ ވެސް ގިނައިން މީހުންނަށް އެކުގައި ފެނުން …. ސަބަބަކީ …. ކަންތައް ކުރަނީ އަހަރެން …… ނަންވަނީ ކަލޭ. ނީމާ އަހަރެންނާއި ދިމާއަށް އެއްޗެތި ކީ ދުވަހު އަހަރެން ވަރަށް ރުޅި އައި …. އެދުވަހު އޭނާ އަހަރެންނާއި ދިމާއަށް ބުނި އޭނާ ލޯބިވަނީ އާސިމު ދެކެޔޭ. ” ހަޅޭލަވައިގަންނަ ފަދައަކުން އެހެން ބުނަމުން އަސްނާދު ގޮސް އާސިމުގެ ގަމީހު ކަރުގައި ހިފިއެވެ.

” އަހަރެންގެ އާސިމުއަކީ މީހުން މަރާ މީހެއްނޫން . . އެދުވަހު އޭނާ ވަރަށް ފޮނިވެލާފައި ހަރު އަޑުން ބުނި …. އެހެންވެ އަހަރެން ވެސް ފޮނިވީ … ތިގެއިން ނީމާއަށް ފެނުނު ސިރިންޖްތަކާއި ފޮޓޯތައް ވެސް އެތަނަށް ލީ އަހަރެން. އެހުރިހާ ކަމެއް ވެސް ކުރީ އަހަރެން … އެކަމަކު .. އެއްކަލަ ނީމާ އަހަރެންގެ މޭގައި ލައްގަނެގެން ހުރެ ބުނި އާސިމު އަކީ މީހުން މަރާ މީހެކޭ … އޭނާ ހައްޔަރުކުރާށޭ … ކަންކުރީ އަހަރެން. ނަންވީ ކަލޭ …. ވަރަށްގިނަ ރެޔަށްފަހު އަހަރެންނަށް ހަމަޖެހިގެން ނިދާލެވުނީ އެރޭ. އެކަމަކު ނާސިމާގެ ލޯހުޅުވިއްޖެ … ނޭނާއަށް އަހަރެން ފެނިފައި މަރުވީ … އެހެންވެ ނާސިމާއަށް ޝައްކުވާން ފެށީ. އަދި އޭނާގެ މާމަގާތު އެވާހަކަ ދެއްކީ …. އޭނާއަށް އެހުރިހާ ވާހަކައެއް ކިޔައިދިނީ …. އޭނާއަށް ކިޔައިދޭންވީ ކީއްކުރަންދޯ ؟ …. އެހެންވެ އަހަރެންނަށް މަޖުބޫރުވީ ނާސިމާ ހުއްޓުވަން … ”  ރުޅިއައިސް ރަތްވެފައި ހުރި އަސްނާދު ވާހަކަ ދައްކަމުން ދިޔައިރު ފަހަރަކަށްވުރެ ފަހަރެއް އަޑުބާރުވަމުން ދިޔައެވެ.

ކުޑަކޮށް ހަމަޖެހިލުމަށްފަހު އާސިމު ކައިރިއަށް ޖެހިލަމުން ނާސިމާގެ ވާހަކަތައް އަސްނާދު ކިޔައިދޭން ފެށިއެވެ.

ނާސިމާއަށް އަސްނާދުއާ މެދު ޝައްކުވީ ހިސާބުން ފެށިގެން އޭނާ މަސައްކަތްކުރީ އަތޮޅުއޮފީހަށް އެޚަބަރު ދޭށެވެ.

ނާސިމާ އޮފީހާއި ދިމާއަށް ދިޔައިރު އަސްނާދު ހުރީ ނާސިމާއަށް ފާރަލައިގެން ނަމަވެސް ނާސިމާ އަކަށް އެކަމެއް ނޭނގެއެވެ. މަގެއްމަތިން މީހަކު ނުފެންނާތީ މަގުތައް ވަރަށްފަޅެވެ. އަނދިރިމަގުތަކާއި ގޯޅިތަކުގައި ހިނގަމުން އައި ނާސިމާއަށް އަސްނާދު ފެނުނީ އޭނާއާ ވަރަށް ގާތުންނެވެ.

ނާސިމާއަށް އަސްނާދު ފެނުނު ވަގުތު ގަތްބިރުގެ ސަބަބުން އޭނައަށް ވީގޮތެއް ވެސް ނޭނގުނެވެ. ތަނެއް ދޮރެއް ނުބަލައި ދުއްވައިގަނެވުނީ އޭނާގެ އިޙްތިޔާރުގައި ކަމެއް ނުވަތަ ބޭއިޙްތިޔާރުގައި ކަމެއް ވެސް ނޭނގެއެވެ. އަނދިރި މަގުތަކާއި ގޯޅިތަކުގައި ދުވަމުން ދިޔައިރު ދެވޭ ނުދެވޭ ތަނެއް ވެސް ނާސިމާ އަކަށް ނޭނގެއެވެ. އަނދިރީގައި ދުވަމުންދިޔަ ނާސިމާއަށް ތަފާތުމަގުތަކާއި ގޯޅިތައް ކަޑަތުކުރަމުން ގޮސް ވަދެވުނީ އަސްނާދުގެ ގެއަށެވެ. އޭނާގެ ފަހަތުން އަސްނާދު ވެސް ދުވަމުން އައެވެ. ސަލާމަތަށް އެދި ގޮވާ އަޑާއި ރުއިމުގެއަޑު ނާސިމާގެ އަނގައިން ބޭރުވަމުން ދިޔައެވެ.

ނާސިމާގެ ފަހަތުން ގޭތެރެއަށް ވަތް އަސްނާދު ދުއްވައިގަތް ވަގުތު، ނާސިމާގެފައި ކައްސާލައިގެން ގޮސް ވެއްޓުނީ ވަޅުގަނޑެއް ކަހަލަ ތަނެއްގެ ތެރެއަށެވެ.

އަވަސް އަވަހަށް ވަށައިގެން ހޯދާލިއިރު އެއީ ވަރަށް ރީތިކޮށް ހަދާފައިވާ ބިންގަރާހެއް ކަހަލަ ތަނެކެވެ. އެތަނުގެ ތެރޭގައިވާ ބިއްލޫރި ފޮށިތަކެއްގައި ރަށުން ގެއްލުނު ބައެއް އަންހެންކުދިންގެ ހަށިތައް ބަހައްޓާފައި ހުއްޓެވެ. ތަނުގެ ރީތިކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދެނީ އެތަނުގައި ހަދާފައިވާ މަސްފެންގަނޑާއި އެތަނުގައި ހަރަކާތްތެރި ވަމުންދާ ދޫނި ސޫފާސޫފީގެ ސަބަބުން ނެވެ. އެބޮޑު މަސްފެންގަނޑުގެ އެއްފަރާތުން އަނެއް ފަރާތަށް ދިއުމަށްޓަކައި ފާލަމެއް ވެސް އަޅާފައި ވެއެވެ. އެތަނުގެތެރެއިން ގިނައިން ފެންނަމުންދަނީ ބިއްލޫރީގެ އުފެއްދުންތަކެވެ. އެކިވައްތަރުގެ ހަންޖަރުތަކާއި ޒާތްޒާތުގެ ވަޅިތައް އެތަނުގެ އެތަންމިތަނުން ފެންނާން ހުއްޓެވެ. ގިނަގުނަބައިތަކެއް ހިމަނައިގެން ހަދާފައިވާ އެތަނުގައި ދެތިންސިޑި ވެސް ހުއްޓެވެ. އެކިވައްތަރުގެ ކުދިގަސް ހައްދާފައިވާއިރު ތަފާތުފާޑުގެ ބޮކިތަކުން އެތަން އަލިކޮށްފައި ވެއެވެ.

ސިއްރުކުރެވިފައިވާ އަދި ސިއްރުތަކުން ފުރިގެންވާ އެތަން ފެނިފައި ނާސިމާ ހުރީ ހައިރާން ވެފައެވެ.

އެތަނަށް ވަދެނުކުމެ ހަދަން ތައްޔާރުކޮށްފައިވާ ސިޑިތަކުން ސިޑިއަކުން އަސްނާދު ވަދެގެން އައެވެ. ނާސިމާއަށް އަސްނާދު ފެނުމާއިއެކު އޭނާއަށް ފިލޭތޯ މަސައްކަތް ފެށިއެވެ.

އަސްނާދު ހުރީ ވަރަށް ވިސްނައިގެން ނެވެ. ސިޑިއެއްގެ އެއްފަރާތުން ދުވެފައިދިޔަ ނާސިމާއަށް ހުއްޓުން އެރިއެވެ. ހީވީ ފަހަތުން އައި މީހަކު ހިފެހެއްޓި ހެންނެވެ. ގަތްފައިހުރި ބިރާއިއެކު ވެސް މަޑުމަޑުން ފަހަތް ބަލާލިއިރު އޭނާގެ ހެދުމާއިއެކު ސިޑިއަށް ޖަހާފައިވަނީ ވަރަށް ވަރުގަދަ ބޮޑު ހަންޖަރެކެވެ. ނުރުހުމާއިއެކު ނާސިމާއަށް ބަލަމުން އެދިމާއަށް އަސްނާދު އާދެއެވެ. ނާސިމާގެ މަރުގެ ވަގުތު އައިސް ޖެހުނީކަމުގައި ނާސިމާއަށް ގަބޫލުކުރެވެން ފެށިއެވެ. އޭރު އޭނާ ބިރުން ތުރުތުރު އަޅައެވެ.

އަސްނާދު އައިގޮތަށް އައިސް ނާސިމާ ގާތަށް ހުއްޓެމުން ހަންޖަރު ދަމައިގަތެވެ. ރޮމުން ރޮމުން އަސްނާދުގެ ފައިބުޑަށް ނާސިމާ ތިރިވިއެވެ.

” އަހަރެން ނުމަރާ …. އަހަރެން ދޫކޮށްލާ … އަހަރެންދާން ދޫކޮށްލާ … އަހަރެން އަބަދުވެސް ދެކެނީ ކަލެއަކީ އަހަރެންގެ ވަރަށްގާތް ރައްޓެއްސެއްގެ ގޮތުގައި …. އަހަރެންގެ ބައިވެރިއެއްގެ ގޮތުގައި. އަހަރެން ތެދުވެރި ހިތަކުން ކަލޭދެކެ ލޯބިވިން. ” ނާސިމާ ރޮމުން ހުއްޓަމުން ހުއްޓަމުން ކަހަލަގޮތަކަށް ވާހަކަދެއްކި އެވެ.

އަސްނާދު ގުދުވެ ނާސިމާގެ ދަތްދޮޅީގައި ހިފައި ކޮޅަށްނެގި އެވެ. ނާސިމާގެ ރުއިމަކަށް ބަދަލެއް ނާދެއެވެ. ހުރިގޮތަށްހުރެ އަސްނާދު ބަލާލީ ނާސިމާގެ މޫނަށެވެ.

” އެކަމަކު އަހަރެން ކަލޭ ބޭނުމެއްނޫން .. އެނަޒަރަކުން ނުވެސް ދެކެން. އެހެންވެ މިތަނަކަށް ކަލޭ ނުގެންނަމެއްނު … އެކަމަކު މިއަދު ކަލޭ އަމިއްލައަށް މިތަނަށް ތިއައީ … ދެން އަނބުރާ ކިހިނެތް ދާނީ ؟  ދެވިއްޖެނަމަ ހުރިހާ ސިއްރެއް ހާމަ ކޮށްލާނެ. އެންމެން ކައިރީ މިވާހަކަތައް ދައްކާނެ. ” ހިތްހަމަނުޖެހުމާއިއެކު އަސްނާދު ވާހަކަދެއްކި އެވެ.

” ނޫން .. ނުބުނާނަން. އެއްވެސް މީހެއް ކައިރީ އެއްވެސް ވާހަކައެއް ނުބުނާނަން. ” ރޮމުން ރޮމުން ނާސިމާ ބުންޏެވެ.

” ކީއްކުރަން ކަލޭ މާމަގާތު އެވާހަކަތައް ދެއްކީ ؟ ” ރުޅިވެރިކަމާއިއެކު ހަޅޭލަވައިގަންނަ ފަދައަކުން އަސްނާދު އެހިއެވެ.  އޭނާގެ އަތުގައިއޮތް ހަންޖަރު ނާސިމާއާ ދިމާއަށް މަޅާލިއެވެ.

” އާން ….. ބުނިން. އަހަރެންގެ ހިތްބުނަނީ ކަލޭ އެގޮތަކަށް ކަންތަކެއް ނުކުރާނެޔޭ ….. ކޮންމެ ވެސް ބައްޔެއް އެބަހުރި ….. ނޫނީ ސިކުނޑީގެ މައްސަލައެއް އުޅެނީ. ” ރޮމުން ރޮމުން ވާހަކަދައްކަމުން ދިޔަ ނާސިމާ ހާމަކުރީ އޭނާއަށް ހީވާ ގޮތެވެ.

” އަހަރެންގެ ގައިގާ އެއްވެސް ބައްޔެއްނެތް …. ސިކުނޑީގަ ވެސް މައްސަލައެއް ނެތް. އަހަރެންނަކީ މޮޔައެއްނޫން …. އަހަރެންގެ މަންމައަކީ ވެސް މޮޔައެއް ނޫން …  އަހަރެންގެ މަންމައަކީ މޮޔައެއްނޫން. ” އަސްނާދު ވާހަކަދައްކަމުން ދިޔައިރު ފަހަރަކަށްވުރެ ފަހަރެއް ރުޅިގަދަވަމުން ދިޔައެވެ.

ކުއްލިއަކަށް އަސްނާދު އަތްދަމާފައި ނާސިމާގެ ގަޔަށް ހަންޖަރު ހަރާލިއެވެ. މުޅިތަނަށް ވެރިވެގެން ދިޔައީ ނާސިމާގެ ވޭނުން ފުރިގެންވީ ރުއިމާއި ސަލާމަތަށް އެދި ލަވަމުންދިޔަ ހަޅޭކުގެ އަޑެވެ. ނާސިމާގެ ގަޔަށް ދެތިން ފަހަރަކު ހަންޖަރު ހަރާލާއިރަށް ނާސިމާގެ ޚަބަރު ހުސްވެގެން ވެއްޓިއްޖެ އެވެ. އެކަމުގެ ސަބަބުން އަސްނާދަކަށް އެއްވެސް އަސަރެއް ނުކުރެއެވެ.

ވަރަށް ޝައުޤުވެރިކަމާއި ފަރުވާތެރިކަމާއިއެކު ނާސިމާއަށް ބަލާލަމުން އަސްނާދު ނާސިމާއާ ދިމާއަށް ތިރިވާން ފެށިއެވެ. ހިތްހަމަޖެހުމާއިއެކު ހީލަމުން ނާސިމާގެ ކަރުގައި އަނގަޖެހި އެވެ. ނާސިމާގެ އަނގައިން ވޭނުން ފުރިގެންވީ އާހެއްގެއަޑު ނުކުމެގެން ދިޔައެވެ. އެކަމަށް އެއްވެސް ސަމާލުކަމެއްނުދީ އަސްނާދު  އެޢަމަލު ތަކުރާރު ކޮށްލިއިރު ނާސިމާގެ އަނގައިން ލެޔާއި ފޮނު ނުކުންނަމުން ދިޔައެވެ.

ނިކަގަހުގައި ތިބި ވާތަކާއި ކާޅުތައް ކުއްލިއަކަށް ކަހަލަ ގޮތަކަށް އަޑުއަޑު ލައްވަމުން އުދުއްސައިގަތް އިރު ހީވީ ކުއްލި ނުރައްކަލެއް ކުރިމަތިވި ހެންނެވެ.

އަސްނާދު ބޭނުންވިފަދައިން ކަންތައްކޮށް ނިންމާލުމަށްފަހު މަޑުމަޑުން ކޮޅަށް ތެދުވިއެވެ. އޭރު އޭނާގެ ދެލޮލުގެކުލަ ވަނީ ގަދަރަތް ކުލައަކަށް ބަދަލުވެފައެވެ. އަސްނާދު މައްޗަށް ބަލާލަމުން ދެއަތްއުފުލައި ހަޅޭލަވައި ގަތުމާއިއެކު އަސްނާދަށް ބަދަލުތަކެއް އަންނަން ފެށިއެވެ. މަދު ސިކުންތު ކޮޅެއްތެރޭގައި އަސްނާދުގެ ސިފަ ބަދަލުވީ ބާޒެއް ކަހަލަ ދޫންޏަކަށެވެ. އޭގެ ދެލޮލެކޭ އަނގުރު އަލިފާންކޮޅެކޭ އެއްފަދައެވެ.

ރަށްމަތީގައި އުދުހެމުންދިޔަ ބާޒެއްފަދަ އެދޫނި ގޮސް ސަހަރާގައިވާ ބިޔަ ނިކަގަހުގެ ތެރެއަށް ޖެހުމާއިއެކު ގެއްލިއްޖެ އެވެ. ގަހުގައިތިބި ކާޅުތަކާއި ވާތައް އަޑު އަޑުލައްވަމުން އުދުއްސައިގަތްއިރު، މަރުވެފައިވާ ކާޅެއް ގަސް ދަށަށް ވެއްޓުނެވެ.

ނާސިމާގެ މަރުގެ ހާދިސާ އަސްނާދު ކިޔައިދީ ނިމުނުއިރު އާސިމު ހުރީ ބިރުން ހަލާކުވާވަރު ވެފައެވެ. ދެރަ ވެސް ވެފައެވެ.

” ކަލޭ ބުނެބަލަ .. އަހަރެންނަކީ މޮޔައެއްހެން ހީވޭތަ ؟ އަހަރެން ގައިގާ ބައްޔެއް އެބަހުރިތަ ؟ … ނާސިމާ އެހެދީ ދޮގެއްނުދޯ ؟ … އެހެންވެ އަބަދުގެ އަބަދަށް އޭނާގެ ކިބައިން ސަލާމަތްވީ. އޭނާގެ ހަށިގަނޑު ތިޔަ ގެއަށް ގެންދިޔައީ  ވެސް އަހަރެން … ކަންކުރީ އަހަރެން …. ނަންވަނީ ކަލޭ. އެކަމަކު ނީމާ ލިބުމުން ހުރިހާ ކަމެއް ރަނގަޅުވާނެ … އަހަރެމެންގެ ދުނިޔެއަށް އަހަރެން ދާނީ ނީމާ ގޮވައިގެން. އޭގެ ފަހުން ވެސް އެރީތިކަމާއި ފުރިހަމަކަމަށް ބަދަލެއް ނާންނާނެ. އޭނާ އެހުރިގޮތަށް އަބަދު ވެސް ހުންނާނެ … އޭގެފަހުން ކަލޭ ކައިރިއަށް އަހަރެން އަންނާނަން. އޭރުން ނީމާ ވެސް ވާނީ ގެއްލުނު ކުދިންގެ ތެރޭގައި. އާސިމު …. ” އަސްނާދު ވާހަކަދައްކަމުން ދިޔައިރު ނީމާ ހުރީ އެވާހަކަތައް އަޑުއަހާށެވެ. އަސްނާދާއި އާސިމަކަށް އެކަމެއް ނޭންގެއެވެ.

” އަހަރެންގެ އަތުގައި ހެކި ވެސް އެބައޮތް … ކަލޭ .. އަޑުއަހަން ބޭނުންތަ ؟ އަޑުއަހާ … ” އާސިމުއާ ވާހަކަ ދައްކަމުން އަސްނާދު ޖީބުން ފޯނު ނެގިއެވެ.

އަސްނާދު ފޯނުގެ ފިތްތަކާއި ކުޅެލުމާއިއެކު އިވެން ފެށީ ނީމާ ވާހަކަދައްކާ އަޑެވެ. އާސިމުގެ ކިބައިން ސަލާމަތްކުރުމަށް ނީމާ ކުރަމުންދިޔަ އާދޭހެވެ. އާސިމު އަކީ މީހުންމަރާ މީހެއްކަމާއި ނީމާ ވެސް މަރާލަން އުޅޭކަމަށް ނީމާ ބުނަމުން ދިޔަ ބުނުމެވެ.

” މިފަހަރު ކަންތައް ކުރާނީ ކަލޭ ….. ނަންވާނީ އަހަރެން … ނީމާއަށްފަހު ހުރިހާކަމެއް ވެސް ރަނގަޅުވާނެ. ” ވާހަކަދައްކަމުން ދައްކަމުން ނިކަގަހުގެ އެއްފަރާތަކަށް ޖެހިލުމަށްފަހު އަސްނާދު ނުކުތީ ނީމާގެ ބޮލު އިސްތަށިގަނޑުގައި ހިފައިގެން ނީމާ ގޮވައިގެން ނެވެ. ނީމާ ހުރީ ބިރުން ސިހިސިހި އެވެ. ރުއިމުގެ އަޑު ވެސް ކޮންމެ ވެސް ވަރަކަށް ފާޅުވަމުން ދިޔައެވެ.

އަސްނާދު އައިގޮތަށް އައިސް ހުއްޓުނީ އާސިމުގެ ކުރިމައްޗަށް ކަހަލަ ގޮތަކަށެވެ. އޭނާގެ އިސްތަށިގަނޑުން އަސްނާދުގެ އަތް ނެއްޓޭތޯ ނީމާ މަސައްކަތް ކުރަމުން ދިޔައެވެ. އާސިމުގެ މޫނުމަތިން ރުޅިވެރިކަމުގެ އަސަރުތައް ފާޅުވާން ފެށިއެވެ.

” އަސްނާދު! ހަމަ މިހާރު ނީމާގެ ގައިން ދޫކޮށްލާ … އޭނާގެގައިގާ އަތްނުލާ … ” ހިތްހަމަ ނުޖެހުމާއިއެކު އަސްނާދަށް ބަލާލަމުން އާސިމު އަމުރުކުރި އެވެ.

” ނީމާ!. އަހަރެން ދަސްވެއްޖެ ދޯ ؟. އަހަރެން ދެއްކި ވާހަކަތައް ކަލޭ އަޑުއަހައިފިން ދޯ ؟ ” ނީމާގެ އިސްތަށިގަނޑުގައި ހިފައިގެން ހުރިގޮތަށް ހުރެ އަސްނާދު ވާހަކަދެއްކި އެވެ.

” އަހަރެން ބޭނުމެއްނޫން ކަލެއެއް ….. އަހަރެން ބޭނުމެއްނޫން  …. އަޑުއިވެއްޖެތަ ؟ ”  ނުރުހުމާއިއެކު ނީމާ އަވަސް އަވަހަށް ނީމާ ބުންޏެވެ.

” ނޫން … ކަލޭ ލޯބިވަނީ އަހަރެންދެކެ .. އަހަރެން ވެސް ލޯބި ވަނީ ކަލޭދެކެ. ” ނީމާގެ ވާހަކަތަކަށް ޖަވާބު ދެމުން އަސްނާދު ބުންޏެވެ.

” ދޫކޮށްލާ.”  އާސިމު ހަޅޭލަވައިގަތެވެ.

” އަނގަ މަޑުކުރޭ.” ހިތްހަމަނުޖެހުމާއިއެކު އާސިމާއި ދިމާއަށް އަސްނާދު ބުންޏެވެ.

” ނީމާ! ކަލެޔާއި ކަލޭގެ ހަށިގަނޑަކީ އަހަރެންގެ އެއްޗެއް. ހިނގާ އަހަރެންނާއިއެކު ދާން. ” އަސްނާދު އެދުނެވެ.

” ނޫން … ނޫން. ” ރޮމުން ރޮމުން ނީމާ ބުންޏެވެ.

” ހިނގާ …. ހިނގާ އަހަރެމެންގެ ދުނިޔެއަށް. ” ގަދަކަމުން ކަހަލަގޮތަކަށް ނީމާ ގޮވައިގެން ހިނގައި ގަންނަމުން އަސްނާދު ބުންޏެވެ. އޭނާގެ އަތްދަށުން ސަލާމަތްވުމަށް ނީމާ މަސައްކަތް ކުރަމުން ދިޔަ ނަމަވެސް އަދި އެއްވެސް ކާމިޔާބެއް ނުލިބެއެވެ.

އޭނަ އައްސާފައިވާ ވާގަނޑު ކަނޑާލައިގެން ނަމަވެސް ސަލާމަތްވުމަށް އާސިމު މަސައްކަތް ކުރަމުން ދިޔައެވެ.

ނީމާ ކުރަމުންދިޔަ އާދޭހަކަށް ރޮމުންދިޔަ ރުއިމަކަށް ބެލުމެއްނެތި ގަދަކަމުން ކަހަލަގޮތަކަށް ނީމާ ގޮވައިގެން އަސްނާދު ގޮސް ސަހަރާއިން ނުކުތެވެ. އޭނާ ސަލާމަތް ކޮށްދިނުން އެދި އާސިމުއަށް ވެސް ނީމާ ގޮވަމުން ދިޔައެވެ.

ނީމާ ގޮވައިގެން އަސްނާދު ގޮސް ކާރަށް އަރައި ދަތުރުފެށި އެވެ. ރޯލަ ރޯލައި އިނުން ފިޔަވައި އެހެން ކަމެއް ނީމާއަކަށް ނުކުރެވުނެވެ.

ހަދާނެގޮތް ހުސްވެ ހަތަރު އުދަރެސް ފެނުޖެހިފައިވާ ފަދައަކުން އާސިމު ހުއްޓެވެ. ކިތަންމެ ވަރަކަށް މަސައްކަތް ކުރި ނަމަވެސް މީހެއްގެ އެހީއަކާއިނުލައި ސަލާމަތް ނުވެވޭނެކަން އާސިމަށް ޔަގީން ވެއެވެ.

ނީމާ ގޮވައިގެން އަސްނާދު ދިޔަގޮތަށް ގޮސް ވަނީ އޭނާގެ ގޭގައިވާ ބިންގަރާސް ކޮޓަރި އަށެވެ. އެއީ އެހެން މީހަކަށް ތަނެއްދޮރެއް ނޭނގޭނެހެން ހަދާފައިވާ ތަނެއްކަން ނީމާއަށް ޔަގީންވި އެވެ.

ނިމުނީ

32% feel ރުޅިއައި.
9 :thumbsup: ވަރަށް ސަޅި
9 :heart: ސަޅި
2 :joy: އުފާވި
6 :heart_eyes: ހިންހަމަޖެހޭ
1 :blush: ރީތި
0 :cry: ރޮވުނު
13 :rage: ރުޅިއައި
The following two tabs change content below.

މުޙައްމަދު ނީރު

ލިޔުނީ: މުޙައްމަދު ނީރު (ހުރިހާ ލިޔުންތައް)

ކޮމެންޓެއް ހުށައަޅުއްވާ

avatar
wpDiscuz