ލައިލާއާއި މަޖުނޫން ދުރުކޮއްލި ހަތުރުވެރިއަކީ ފަޤީރުކަން

ލޯބި ބިނާވެގެންވަނީ އިތުބާރުގެ މައްޗަށެވެ. ދެހިތެއްގައި ލޯބި އުފެދި އަށަގެންފި ކަމަށްވާނަމަ އެ ދެހިތުން އެ ލޯބި ފިލުވައެއް ނުލެވޭނެއެވެ. ގަދަކަމުން އެދެމީހަކު ދުރުކޮށްފިނަމަ އެ ލޯތްބާއި އެކުލުނާއި، އެ އިހުސާސް ހިތުގެ ކަނަކަށްވަދެ ފިލައެވެ.

ދުނިޔޭގެ އެންމެ މަޝްހޫރު ލޯބީގެ އެއްވާހަކައަކީ ލައިލާއާއި އޭނާގެ ލޯބިވެރިޔާ މަޖުނޫނުގެ ވާހަކައެވެ. މިއީ ލޯބީގެ މިސާލު ޖަހަން ދިވެހުންގެ ދޫތަކަށްވެސް އެންމެ ފަސޭހަ ވާހަކައެވެ.

މަޖުނޫ ނުވަތަ ޤައިސް އިބްނު އަލް މުއްލަވާ އަކީ ރީތި ޒުވާނެކެވެ. އެހެންނަމަވެސް އޭނާގެ ލައިލާދެކެވީ ލޯތްބަށް ހުރަސްއެޅީ ފަގީރު ކަމާއި ނިކަމެތިކަމެވެ. އޭނާ އުފަންވެފައިވަނީ ހަތްވަނަ ގަރުނުގައެވެ. އަރަބިކަރައިގެ ފަގީރު އާއިލާއަކަށެވެ. އެއީ އުމަވީ ދައުލަތުން ވެރިކަން ކުރަމުން އައި ދުވަސް ވަރެވެ.

މަޖުނޫނުގެ ލޯބިވެރިޔާ، ލައިލާ އުފަން ވެފައި ވަނީ އަރަބީންގެ މުއްސަނދި އާއިލާ އެއްގެ ތެރެއަށެވެ. ލައިލާ ބޮޑުވަމުން އައި ދުވަސް ވަރު އޭނާގެ ރީތިކަމުގެ ވާހަކަ ނުދައްކާ ދުލެއް  އެގައުމުގައި ނެތްފަދައެވެ.

މުއްސަނދި އާއިލާއަކަށްވުމުން ލައިލާ ބޮޑުވަމުން އައީސް ރަސްދަރި ކަނބަލަކަށްވުރެ ވަކި ދަށްފެންވަރެއްގައެއް ނޫނެވެ. އޭނާގެ ރީތިކަމާއި، މުއްސަނދިކަން ފެނިފައި އޭނާގެ ކައިވެންޏަށް އެދި އަރަބިކަރައިގެ އެކި ހިސާބުތަކުން މުއްސަނދިންގެ ހުށަހެޅުންތައް އޮހެމުންދިޔައެވެ.

ލޯތްބަކީ ހިތުގައި އުފެދޭ އެއްޗެއް ކަމަށްވާނަމަ އެއިން އެއްވެސް މީހަކާ މެދު ލައިލާގެ ހިތުގައި ލޯބީގެ ޒައްރެއްގެ މިންވަރުވެސް ނުއެއް އުފެދުނެވެ. ލޯތްބަކީ، ސިފަޔަށް ބަލާ އެއްޗެއް ނޫނެވެ. މުއްސަނދި ކަމަކަށް ނުވަތަ އާރާއި ބާރަށް ބަލާފައި ވެވޭ އެއްޗެއް ނޫނެވެ. އެންމެ ފަހުން ލައިލާގެ ހިތުން އެންމެ ފުރިހަމަ ކަމާއެކު ޖާގަ ހޯދީ ނިކަމެތި މަޖުނޫނެވެ.

މަޖުނޫނު (ޤައިސް) ދެކެ ލައިލާ ލޯބިވީ އިންތިހާއަށެވެ. ހިތާއި ފުރާނައިންނެވެ. ދުނިޔެ އޮތްހާ ހިނދަކު އެލޯބީގެ ވާހަކަ ދިރިދިރި ހުންނާނެ ފަދައަކުންނެވެ. އެކަންވެފައިވަނީވެސް އެހެންތާއެވެ.

ޤައިސަކީ ޅެންވެރިކަމަށް ވަރަށް ލޯބިކުރި މީހެއް ކަމަށް ވެއެވެ. އެހެން ކަމުން ލައިލާގެ ލޯބީގެ ހައްގުގައި އޭނާ ގަތައި އުއްތައިފައިވާ ލޯބީގެ ތަފާތު ޅެންތައް މަދެއް ނޫނެނެވެ. އޭނާގެ ކަމަކީ ލައިލާއަށްޓަކައި އޭނާގެ ހިތުގައި އުފެދިފައިވާ ލޯބީގެ އިހުސާސް ޅެންބަހުން ބޭރުކުރުމެވެ. މި ޅެންތައް ބަލާފައި ޤައިސްގެ ރަހުމަތްތެރިން އޭނާއާ ދިމާކުރިއެވެ. ސަމާސާ ކުރިއެވެ. މިއިން އެއްވެސް ކަމަކުން މަޖުނޫނުގެ މި އުޅުމަކަށް ބަދަލެއްނައެވެ. ލައިލާދެކެ އޭނާވަނީ ބަޔަކު ކޮށްލާ ސަމާސާއަކުން ރޫޅައިލެވޭ ވަރަށްވުރެ  މާވަރުގަދަ ލޯތްބެކެވެ.

ލައިލާގެ ލޯބީގައި ޤައިސް ޖެހި ހައްޔަރުވެއްޖެއެވެ. އެންމެފަހުން އޭނާ ނިންމީ ލައިލާގެ ކައިވެންޏަށް އެދި އޭނާގެ މައިން ބަފައިންގެ ކިބައިން އެދުމަށެވެ. ރަނގަޅު ފުރުސަތެއް ހޯދައިގެން ލައިލާގެ ކައިވެންޏަށް މަޖުނޫން އެދެފިއެވެ. ލޯބީގެ މި ހުށަހެޅުން ލައިލާގެ މައިންބަފައިންނަކަށް ގަބޫލެއް ނުކުރެވުނެވެ. ޤައިސަކީ ފަގީރަކަށްވުމުންނެވެ. ނިކަމެތި މަޖުނޫނުގެ ހުށަހެޅުމަށް ލައިލާގެ ބައްޕަ، ވަގުތުން އިންކާރު ކުރިއެވެ. އެހިސާބުން ލައިލާ އާއި މަޖުނޫން އެކަކު އަނެކަކަށް ބައްދަލު ވުން މަނާވީއެވެ. ލޯބީގެ ވާހަކަތައް ބަންދުވީއެވެ. އެހެންނަމަވެސް ލޯބީގެ އިހުސާސް އޭގެ އެންމެ އުހަށް އަރައިފިއެވެ.

ލައިލާގެ ބައްޕަ ނިންމީ އަރަބި ކަރައިގެ މުއްސަނދި އާއިލާ އެއްގެ ދަރިއަކާ ލައިލާގެ ކައިވެނި ކޮށްދިނުމަށެވެ. ލައިލާގެ ނުރުހުމުގައެވެ. އޭނާގެ އިހުސާސްތަކާ ދެކޮޅަށެވެ. އެންމެފަހުން ލައިލާގެ ބައްޕަ ބޭނުންވާފަދަ ޒުވާނަކާ ލައިލާގެ ކައިވެނި ކުރެއްވިއްޖެއެވެ. އެހިސާބުން ޤައިސްގެ ކެތްތެރިކަން ކޮޅުންލީއެވެ. ލޯބީގެ ނަމުގައި ދީވާނާވީއެވެ.

ލައިލާގެ ކައިވެނީގެ ޚަބަރު ޤައިސަށް ލިބުނީ ހިތި ޒަހަރެއްގެ ގޮތުގައެވެ. ހިތްދަތިކަމާއި ވޭނާއި ތުރާތައް ނިކަމެތި މަޖުނޫނު ވަށައިލިއެވެ. ގޮތްހުސްވިއެވެ. އެންމެފަހުން އަމިއްލަ ގެދޮރު ދޫކޮށް ސަހަރާ ތެރެއަށް ދިރިއުޅުން ބަދަލު ކޮށްފިއެވެ.

ދުވާލާއި ރޭގަނޑު، ލައިލާގެ ނަން ސަހަރާގެ ވެލިގަނޑުގައި ލިޔުމާއި ލައިލާއަށް ޓަކައި ޅެންތައް ހަދައި ކިޔުމަކީ އޭނާގެ އާދަ އަކަށް ވެއްޖެއެވެ. އޭނާގެ ފިކުރަކީ ލައިލާއެވެ. އޭނާގެ މަންޒިލަކީ ލައިލާއެވެ. އެހެންނަމަވެސް އެމަންޒިލް މިހާރުވަނީ ލޮލުގެ ކޮޅުންގޮސް އޮބާލައިފައެވެ.

ލައިލާގެ ކައިވެނި ވެގެންދިޔައީ ޤައިސާއި ވަކިވުމުގެ ފަހު ސިއްކައަށެވެ. ޤައިސާ ވަކިވުމަށްފަހު، ދިރިއުޅުންވީ ލައިލާއަށް ވިހައަކަށެވެ. ޤައިސްގެ ހަނދާން ތަކުން ލައިލާވަނީ ކަސްތަޅު އެޅުވިފައެވެ. ހިތްދަތިކަމާއެކު ދިރިއުޅުން ވޭތުކުރާނެ ހިތްވަރެއް ލައިލާގެ ކިބައިގައި ނެތެވެ. އެންމެ ފަހުން ފިރިމީހާއާ އެކު އިރާގަށް ދިރިއުޅުން ބަދަލު ކޮށްފިއެވެ. އެންމެފަހުން އެތާގައި ލައިލާ މިދުނިޔެ ދޫކޮށްފިއެވެ.

ލައިލާ ދުނިޔެ ދޫކޮށްދިޔަ ޚަބަރު ޤައިސަށް ދިނުމަށްޓަކައި އޭނާގެ ރަހުމަތްތެރިން އޭނާ ހޯދަން ފެށިއެވެ. އެހެންނަމަވެސް ޤައިސްގެ ޚަބަރެއް އެމީހުންނަށް ނުވިއެވެ. އޭގެ ދުވަސް ކޮޅެއްފަހުން ފެނުނީ ފުރާނަނެތް ޤައިސްގެ ހަށިގަނޑެވެ. އެ ހަށިގަނޑު ފެނުނީ ލައިލާގެ މަހާނަ ކައިރިންނެވެ.

އެމަހާނައިގެ ގަލުގައި އޭނާ ލިޔެފައި ވާކަމަށް ވެއެވެ. “ޤައިސް ވަނީ ލައިލާގެ ލޯބީގައި ދީވާނާ ވެފައެވެ. މި ސަބަބާހެދި މަޖުނޫގެ ނަން ދެވުނު ކަމަށެވެ. އަދި ލައިލާއާއި މަޖުނޫނަކީ ލައިލާއާއި އޭނަ އާއި ދެމީހުންގެ ނަމުން ދެވިފައިވާ ނަމެއް ކަމަށެވެ.”

ލައިލާގެ ލޯތްބަށް ޤައިސްވަނީ އަބަދު ހުސްވެގެންނެވެ. ލައިލާގެ ހަނދާނުގައި ހުރެގެން އޭނާ ދިޔައީ ލައިލާއަށް ވާނުވާ ބަލަމުންނެވެ. އެންމެފަހުން އޭނާވެސް މި ދުނިޔެ ދޫކުރީ ލައިލާގެ އެކަނިވެރި މަހާނަ ކައިރީގައެވެ.

 

 

 

 

31% feel ރޮވުނު.
48 :thumbsup: ވަރަށް ސަޅި
23 :heart: ސަޅި
7 :joy: އުފާވި
51 :heart_eyes: ހިންހަމަޖެހޭ
16 :blush: ރީތި
102 :cry: ރޮވުނު
73 :rage: ރުޅިއައި

ކޮމެންޓެއް ހުށައަޅުއްވާ

avatar
wpDiscuz